ކޮވިޑް19 އާ ގުޅިގެން ވަޒީފާއާ ގުޅޭ މައްސަލަތައް ކުރިމަތިވާ މީހުން، ޝަކުވާ ހުށަހެޅުމަށް ޚައްޞަކޮށްފައިވާ ޖޮބް ސެންޓަރަށް 723 މައްސަލައެއް ހުށަހަޅައިފިކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ވަޒީފާއިން ވަކިކުރި 185 މައްސަލައަކާއި، މުސާރަ އުނިކުރި 113 މައްސަލައަކާއި، ނޯޕޭއަށް ފޮނުވާލި 245 މައްސަލައަކާއި، މުސާރައިގެ ދެބައިކުޅަ އެއްބައި ދޭގޮތަށް ހަމަޖެއްސި 72 މައްސަލައަކާއި، ސަސްޕެންޑްކުރި 64 މައްސަލަ އަދި ހަމައެކަނި އަސާސީ މުސާރަ ދިނުމަށް ނިންމާފައިވާ 44 މައްސަލައެއް ކަމަށެވެ.
ވަޒީފާތަކާ ގުޅޭގޮތުން ހުށަހެޅޭ މިފަދަ މައްސަލަތަކާއި ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީންވެސް ދަނީ މައްސަލަތަކެއް ބަލަމުންނެވެ. އަދި، އެ އޮތޯރިޓީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، މުވައްޒަފުންނާމެދު އިހުމާލުވި ވިޔަފާރިވެރިންނަށް ވަނީ މުވައްޒަފުންނާމެދު ޢަމަލުކުރިގޮތް ލިޔުމުން ޖަވާބުދިނުމަށް އަންގާފައެވެ. މީގެއިތުރުން، ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ވަނީ ޚާއްޞަ އެލަވަންސްއެއް ދިނުމަށް ނިންމާފައެވެ.