ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތް ފެންނަ ޙާލަތުގައިވެސް އެކަން ސިއްރު ކުރާކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ރިސޯޓުގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފައިބާތާ 14 ދުވަސް ތެރޭގައި އެ ރިސޯޓުގެ މުވައްޒަފެއްގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން އެޗް.ޕީ.އޭ އަށް އަންގަން ޖެހޭނެ ކަމަށެވެ. ނަމަވެސް 14 ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ރިސޯޓުގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުން އަލާމާތް ފެންނަ ޙާލަތުގައި އެކަން ސިއްރުކުރާކަން އެނގިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެކަން ސިއްރުކުރަނީ ރިސޯޓުގައި 14 ދުވަހަށްވުރެ އިތުރަށް މަޑުކުރަންޖެހިދާނެތީކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، މިފަދަ ޙާލަތެއްގައި އަލާމާތެއް ފެނި އެކަން ސިއްރުކުރާނަމަ އެ ރިސޯޓުގައި ތިބި މީހުން ނުވަތަ ރާއްޖޭގެ ރައްޔިތުން މި ބަލީގެ އިތުރު ނުރައްކަލެއްގެ ތެރެއަަށް ހުށަހެޅިދާނެ ކަމަށާއި، އެއްވެސް ފަރާތަކުން ކޮވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގަމުން ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.