ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މާލީ އެހީ ދިނުމަށް ޖަޕާނުގެ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެއަށް އެހީދިނުމަށް ނިންމާފައިވާކަން ޖަޕާނުގެ ސަރުކާރުން ހާމަކޮށްފައި މިވަނީ، ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޖަޕާނުގެ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޖަޕާނުގެ ސަރުކާރުން މާލީ އެހީދިނުމަށް ނިންމާފައިވާ ކަމަށާއި، މިއެހީ ދިނުމަށް ހަމަޖެހިފައިވަނީ، ޔުނިސެފް މޯލްޑިވްސް އަދި މޯލްޑިވްސް ރެޑްކްރެސެންޓަށް ކަމަށެވެ.
މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް19 އާ ކޮންޓްރޯލް ކުރުމަށް ޖަޕާނުގެ ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކޮށް، ކޮވިޑްް19 އާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރު އަދި ޚާއްޞަގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ޙިއްޞަކުރެއްވިއެވެ. މީގެއިތުރުން، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ހިއްޞާކޮށް، ކޮވިޑް19 އަށް ރައްކާތެރިވުމަށްޓަކައި ޖަޕާނުގެ ސަރުކާރުން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.