ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ބެލުމަށްޓަކައި ސާރވޭއެއް ހެދުމަށް ތައްޔާރުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅިގެން މަޢުލޫމާތު ދިނުމަށްޓަކައި ނޭޝަނަލް އިމަރޖެންސީ އޮަޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސާރވޭގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފަށާނެކަމަށެވެ.
ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ، މި ސާރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގެ އާބާދީއަށް ބަލައިގެންކަމަށާއި، އެގޮތުން ތައްޔާރުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 400 ވަރަކަށް ސާމްޕަލް ނަގަންޖެހޭކަމަށާއި، ނަމަވެސް އެޗް.ޕީ.އޭ އިން ނިންމާފައިވަނީ 500 ސާމްޕަލް ނެގުމަށް ކަމަށެވެ. އަދި، މި ސާރވޭ ގާތްގަނޑަކަށް 2 ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، މާލެއާއި އަތޮޅު ތެރޭގައިވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.