މިއަދު މާލެއިން ފައްސިވި ދިވެހީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަނެވިއްޖެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސެއް ފައްސިވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، މިއަދު ފައްސިވި މީހާގެ ޓެސްޓް ނަތީޖާ ލިބުމާއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅާފައިވާކަމަށާއި، ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން މިހާރު ހޯދިއްޖެކަމަށާއި، އެގޮތުން މިހާތަނަށް 11 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދު ފައްސިވި މީހާ ފުލޫ ކްލިނިކަށް ފުރަތަމަ ދިޔައީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ސާމްޕަލްވެސް ނެގީ އިއްޔެގައި ކަމަށާއި، ނަތީޖާ ލިބުނީ މިއަދު ހެނދުނުގައި ކަމަށާއި، އެހިސާބުން ފެށިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާކަމަށާއި، މާލޭ ސައުވީސް ގަޑިއިރަށް މާލޭ ލޮކްޑައުން އަކަށް ދިޔައީ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްކަމަށާއި، ޑައިރެކްޓް ކޮންޓެކްޓް ވި މީހުންގެ އިތުުރުން އެހެނިހެން ގޮތްގޮތުން ކޮންޓެކްޓްވި މީހުންގެ މަޢުލޫމާތުވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މިއަދު ފައްސިވި މީހާއަކީ، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި، މިހާތަނަށް އޭނާއާ މީގެކުރިން ފައްސިވި މީހަކާ ކޮންޓެކްޓްވިކަން އެނގެން ނެތްކަމަށް އެޗް.ޕީ.އޭއިން ވަނީ ބުނެފައެވެ.