މާލެ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ކުރާނެ މަސައްކަތެއް ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަންގެ ތަރުޖަމާނު މަބުރޫކު ހަވާލު ކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ގޭގައި ތިބޭ އިރު ފާއިތުވާ ދުވަސްތައް ހޭދަ ކުރި ގޮތުގެ ތަފްސީލް އެނގޭނެހެން ޑައިރީއެއް އަމިއްލައަށް ލިޔުމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އިލްތިމާސް ކޮށްފިއެވެ.
އެގޮތުން އިއްޔެއިން ފެށިގެން ކުރިއަށް ހުރި ދުވަސްތަކުގައި އެމީހަކު ދިޔަ ތަންތަނާއި ދިޔަ ވަގުތަކާއި ދިމާވީ ކޮން ބަޔަކާ ކަމާއި ދިމާވި ބަޔަކާއެކު ކިހާ ވަގުތެއް ހޭދަކުރިތޯ އެނގޭނެހެން ތަފްސީލް ލިޔަން އޭނާ އެދިވަޑައިގަތެވެ.
މިޑައިރީގެ ބޭނުމަކީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހުނަސް ފަސޭހަކުރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިގޮތަށް މަބުރޫކު ވިދާޅުވެފައި މިވަނީ މާލެއިން ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއްޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ބުރަ މަސައްކަތް ކުރަމުންދާ އިރެއްގައެވެ.