އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ މައްސަލަ ބޮޑުވެއްޖެކަމަށާއި، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، 7207438 ނަންބަރުން ކުރާ ފޯން ކޯލްތަކަށް ސަމާލުވުމަށާއި، އެ ނަންބަރުން ގުޅައި ބޭންކްގެ އޮފިޝަލަކަށް ވެގެން ވާހަކަދައްކައި ބޭންކް އެކައުންޓާއި ކާޑުގެ މަޢުލޫމާތު ހޯދުމަށް އެދޭކަމަށާއި، އެ ނަންބަރު ގުޅާ ފަރާތުގެ މަޤުޞަދަކީ އޮޅުވާލައިގެން ފައިސާ ހޯދުން ކަމަށެވެ.
މީގެއިތުރުން، ނުދަންނަ ނަންބަރުތަކުން ގުޅައި ބޭންކް މަޢުލޫމާތު ދިނުމަށް އެދުނު ނަމަވެސް އެފަދަ އެއްވެސް މަޢުލޫމާތެއް ނުދިނުމަށާއި، އެފަދަ ރިކުއެސްޓްތަކަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ކޮވިޑް19 އާ ގުޅިގެން، ބޭންކްގެ ނަމުގައި އަދި ފަންޑްރައިސިންގ އިވެންޓްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ބޭންކުން ބުނަމުންގެންދަނީ، އެއްވެސް ކަސްޓަަމަރެއްގެ އެކައުންޓް ނަންބަރާއި ކާޑު ނަންބަރު ހޯދުމަށް ބޭންކުން ނުގުޅާނެކަމަށާއި، އެފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ނުދިނުމަށެވެ.