ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއް ލޮކްޑައިން ކޮށްފައިވާ އިޢުލާނެތްެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ވަނީ ނެރެފައެވެ.

މި އިޢުލާނުގައިވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އަނގާފަކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ރަށެއް 17 އޭޕްރިލް ވަނަ ދުވަހު ހަވީރު 6:00 ގައި ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 މުޅި ދިވެހި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ލޮކްޑައުންކުރުމަށް ނިންމައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.
2. މި އެންގުމުގެ އެއްވަނަ ނަމްބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.
3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓައިލުން. ވަކިން ޚާއްސަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލުން.
4. ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.
5. ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުން.
މައިމޫނާ އަބޫބަކުރު ސޮއި އާއި އެކު ނެރެފައިވާ މި އިޢުލުާނުގައި ވަނީ، ”މަތީގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އަހުރެން ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެ،“ ކަމަށެވެ.
މި އިޢުލާނުގައިވާ ފިޔަވަޅުތަށް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި އިދާރާތަކަށް ވަނީ އަންގާފައެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން އަޒާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ވެސް މި އެންގުމުގައި އަންގާފައި ވެއެވެ.
މުޅި ދިވެހި ރާއްޖެ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ މީގެ ދެ ދުވަސް ކުރިން ޓްރެވަލް ހިސްޓޮރީއެއް ނެތްް މީހަކު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެ، 24 ގަޑިއިރު ނުވަނީސް އިތުރު ދެ މީހަކު ފައްސިވުމުންނެވެ. އަދި މިހާރު މާލޭގެ އެލާޓް ލެވަލް ރަތައް ޖައްސާ މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ.