މިހާރު މިދާ ވަރުން ކޮންޓްރޯލް ނެތި ކޮވިޑް-19 ފެތުރިގެންދާނަމަ، އެއް ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިދާނެކަމަށް އެޗް.ޕީ.އޭ އިން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ މޫސާ ވިދާޅުވީ، ރާއްޖޭގައި ސޯޝަލް ޑިސްޓެންސް ހުރިގޮތަށް ބަލާއިރު ވައިރަސް ފެތުރިގެންދާ އަދަދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 22،000 އަށް އަރާނެކަަމަށާއި، 100،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
ޑރ.ޝީނާ އިތުރަށް ވިދާޅުވީ، ކޮވިޑް19 ގެ ބަލިމަޑުކަން އަހަރެއްހާ ދުވަހަށް މި ދެމިގެންދާނެ ކަމަށާއި، އެއް މަސް ދުވަހުގެ ތެރޭގައި ޕީކަށް ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި، އެންމެބޮޑަށް ބަލި ފެތުރިގެންދާނީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައިކަމަށް ބެލެވޭކަމަށެވެ.