ގދ.ތިނަދޫ އަސްދާން ދޯނިން އެން ހިފަން ފުޅިއަޅައިގެން ފީނި ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެޒުވާނާ އަކީ ގދ.ތިނަދޫ އުމުރުން 27 އަހަރުގެ އަހްމަދު ސާޖިދު އެވެ. އޭނާ ފީނުމަށް ދޯނިން ފޭބީ ކަޅު ކުލައިގެ ސޫޓެއް ލައިގެނެވެ.
އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، އޭނާ ފީނަން ފޭބީ 4 މީހުނާއި އެކުގައި ކަމަށާއި މި ޑައިވްއަކީ 30 މިނެޓުގެ ޑައިވްއެއް ކަމަށެވެ.
އޭނާ ނުފެނިގެން ހޯދުމަށް ޑައިވްކޮށް ނުފެނުމުން އެ ދޯނީގެ މީހުން ވަނީ ކޯސްޓުގާޑަށް ގުޅާފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓުގާޑުން ވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށާއި އަދި މިދޯނި އޮތީ ގދ. ކޮނޮންޓާ މޯލްޑިވްސް ރިސޯޓުގެ 2.5 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ. އަދި އެދޯނީގައި ތިބީ 25 މީހުން ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:12 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
”ކުއްލި ޚަބަރު“ އަށް އިނގިފައިވާ ގޮތުގައި ގެއްލުނު މީހާގެ ބައްޕަވެސް ހަމަ އެދޯނިން މަހަށް ގޮސްފައިވެއެވެ. އަދި އެދޯނީގައި މުޅި ޖުމުލަ ތިބީ 25 މީހުނެވެ.