މިވަގުތަށް މާލެއިން 10 ވަރަކަށް ކޭސް ފެނިފައިވީނަމަވެސް، މިވަގުތު 100 އަށްވުރެ ގިނަ ކޭސް އުޅޭނެކަމަށް ލަފާކުރެވޭކަމަށް ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ މޫސާ ވިދާޅުވީ، މިވަގުތާ ހަމައަށް 10 ކޭސް މާލެއިން ފެނުނު ނަމަވެސް، މިހާރުވެސް 100 އަށްވުރެ ގިނަ ކޭސް އުޅޭނެކަމަށް ލަފާކުރެވޭކަމަށާއި، އެކަމަށް ރައްޔިތުން ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށާއި، އިޖުތިމާޢީ ގައިދުރުކަމަށް ވަރަށްބޮޑަށް ވިސްނަންޖެހޭކަމަށެވެ.
ޑރ.ޝީނާ އިތުރަށް ވިދާޅުވީ، މިހާރު މި އޮތް ޓްރެންޑުގައި މިބަލި ފެތުރިގެންދާނަމަ ބަލީގެ ޙާލަތު ބޮޑުވާ މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތްކަމަށާއި، މުޅި ރާއްޖޭގައި ހުރި ހުރިހާ ޑޮކްޓަރުން މާލެ ނުގެނެވޭނެކަމަށާއި، އެއީ ވަރަށް އަންެއެތިކަލް ކަމެއް ކަމަށާއި، ރައްޔިތުންގެ މިކަމަށް ސަމާލުކަން ނުދީފިނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމަށެވެ.