ކޮލަމާފުއްޓަށް ދަތުރުކުރި ދޯންޏެއް އެރަށު ފަޅުން ބޭރުގައި ކަރަންޓީނުކޮށްފިއެވެ.

މި ދޯނި ފަޅުން ބޭރުގައި ކަރަންޓީނުު ކުރުމަށް ނިންމާފައިވަނީ ކޮލަމާފުށީގައި އެކުލަވާލާފައިވާ ކޮވިޑް ޓާސްކްފޯސް އިންނެވެ. ޓާސްކްފޯސް އިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ”ގުރަވަ“ ނަމަކަށް ކިޔާ ދޯނި ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ، އެ ދޯނި މާލެއިން ދަތުކުރި ދޯންޏަކަށް ވެފައި، އެ ދޯނިގައި ތިބި ދެމީހަކު މާލެއިން ކޮވިޑަށް ފައްސިވެފައިވާ މީހަކާ ދިމާވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މި ދޯނި 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، މި ދޯނީގައި 4 ދިވެއްސަކާއި 4 ބިދޭސީން ތިއްބެވެ. ކަރަންޓީނު މުއްދަތުގައި، ދޯނީގައި ތިބި މީހުންނަށް ބޭނުންވާ ކާތަކެއްޗާއި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ތަކެތި، އެދޯނީގައި ތިބި މީހުންނަށް ފޯރުކޮށްދޭނީ ކޮލަމާފުށީ ކޮވިޑް ޓާސްކްފޯސް އިން ކަަމަށެވެ.
ޓާސްކްފޯސް އިން މަޢުލޫމާތު ދޭގޮތުގައި، ދޯނި ކޮލަމާފުއްޓަށް ވަނަނުދީ ފަޅުން ބޭރުގައި ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. މި ދުވަސްވަރު މާލެއިން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތްތައް އެކަހެރިވުމަށް އެޗް.ޕީ.އޭ އިން ވެސް ވަނީ އަންގާފައެވެ.