ފުލުހުން އިސްނަގައިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭގެ ސްޓޮކް މަދުވުމުން، ލޭ ހަދިޔާ ކޮށްފިއެވެ.

ރާއްޖެއަކީ ނިސްބަތުން ލޭއަޅާ ކުދިން ގިނަ ގައުމަކަށްވެފައި، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ޑޯނަރުން ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. މި ބަލި މަޑުކަމާއި ގުޅިގެން ލޭލިބުން ދަތިވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓު ތަކުން ބާއްވަމުން ގެންދިޔަ ބްލަޑް ކޭމްޕްތައް މަޑުޖެހުމަކަށް އައުމުންނެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއިން މިއަދުވެސް ލޭ ލިބުންދަތިވެފައިވާ މިދަނޑިވަޅުގައި ލޭ ހަދިޔާ ކުރުމުގައި ގިނަބައެއްގެ އެހީތެރިކަން ބޭނުންވާ ކަންފާހަގަ ކޮށްފައިވެއެވެ. އަދި ލޭހަދިޔާ ކޮށްދޭން ބޭނުންވާ ފަރާތްތަކުން އެމްބީއެސްގެ ނަންބަރު 3306089 އަށް ގުޅާ ލޭ ހަދިޔާ ކުރަންބޭނުންވާ ވާހަކަ ބުނުމުން އެމްބީއެސްއަށް އައުމުގެ އިންތިޒާމް އެފަރާތުން ހަމަޖައްސަދޭނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި ފުލުހުން ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ޓުވީޓެއްގައިއެވެ.
ސިޕީ މިކަން ހާމަކޮށްފައިވަނީ އާއްމު ފަރާތަކުން ޓުވީޓްކޮށް ކުރި ސުވާލަކަށްޖަވާބު ދެއްވަމުންނެވެ. އެމީހާ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމުން ޖުމްހޫރީ މައިދާން ސަރަހައްދުގައި ތިބީ ކޮތަރުތަކަށް ކާން ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާތީ އެކަމަށް އިޝާރާތް ކޮށް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ، އެކަން (ކޮތަރަށް ކާންދުނުމުގެ މަސައްކަތް) ފުލުހުން އެބަކުރާ ކަމަށާއި ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ވެސް އެބަހިނގާ ކަމަށެވެ.
ކޮތަރުތަކަށް ކާންދިނުމުގެ މަސައްކަތް ފުލުހުން ފަށާފައި މިވަނީ މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ކޮތަރުތަކަށް ކާންދޭނެ ބަޔެއް ނެތި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވާން ފަށާފައިވާ އިރެއްގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.