މާލއިން އިތުރު 13 މީހަކު ފައްސިވެ، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް މާލެއިން އިތުރު 13 މީހަކު ފައްސިވެފައިވާ ކަމަށާއި މި 13 މީހުންގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 5 މީހަކާއި 8 ދިވެހިން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ، މިހާރު މި 13 މީހުން ވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މިއާއި އެކު މާލެއިން ކޮވިޑް-19 އަށް މި ވަނީ 62 މީހުން ފައްސިވެފައެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މި ވަނީ 82 އަށް އަރައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވަނީ 16 މީހަކު މި ބަލިން ރަނގަޅުވެފައެވެ.