ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެެނެސްފައިވާ 78 ދަރިވަރަކު ޞިއްހީ ޚިދުމަތަށް ނުކުމެފައިވާކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެން.އޯ.އީ.ސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ ކިޔަވާ ކުދިންގެ ތެރެއިން، 78 މެޑިކަލް ދަރިވަރަކު މިއަދު ޚިދުމަތަށް ނުކުމެފައިވާކަމަށާއި، އެ ދަރިވަރުން މިވަގުތު މަސައްކަތް ކުރަމުންދަނީ އައި.ޖީ.އެމް.އެޗް އާއި އެން.އޯ.އީސީ ގައި ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އެ ދަރިވަރުންނަކީ، ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިވާ ދަރިވަރުން ކަމަށާއި، މިވަތުތު އިތުރު 46 ދަރިވަރަކު ކަރަންޓީނުގައި ތިބިކަމަށާއި، އެއީ ބަނގްލަދޭޝް އާއި ނޭޕާލުން އައި ދަރިވަރުންކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެމުންދާއިރު، ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގެ ކޮންމެ 1000 މީހަކަށް ތިބީ 2 ޑޮކްޓަރުންނާއި 7 ނަރުހުން ކަމަށެވެ. މިއަދު 78 ދަރިވަރުން ޚިދުމަތަށް ނުކުމެފައިވާއިރު، ބަނގްލަދޭޝްއިން 10 މެޑިކަލް ޕްރޮފެޝަނަލުން އައިސްފައިވާކަމަށްވެސް ސަރުކާރުން ހާމަަކޮށްފައިވެއެވެ.