ކޮވިޑް-19 އާ ގުޅިގެން މޮރިޝަސްގެ ޤައުމީ އެއާލައިން ކަމުގައިވާ ”އެއަރ މޮރިޝަސް“އަށް އެއްވެސް ފައިދާއެއް ނުވެ، އެއަރލައިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

އާންމުގޮތެއްގައި 22 ޤައުމަކަށް ދަތުރުކުރަމުން އަންނަ އެ އެއާލައިނުން ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ގިނަ ޤައުމުތައް ލޮކްޑައުންކޮށް ދުނިޔޭގެ ޤައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީ، މޮރިޝަސް އެއަރލައިނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި، ކައިރި މުސްތަޤުބަލެއްގައި އެ އެއަރލައިނަށް ފައިދާއެއް ވާން ނެތްކަމަށްވެސް އެކުންފުނިން ބުނެއެވެ.
އަހަރަކު އެތައް މިލިއަން ޕަސެންޖަރުން ދަތުރުކުރާ މި އެއާލައިނަކީ، މޮރިޝަސް ސަރުކާރުގެ ހިއްސާ އޮންނަ އެއަރލައިނަކަށް ވާއިރު، ސަރުކާރުގެ އެހީއާއެކު އެ އެއަރލައިނަށް ވެފައިވާ ގެއްލުމުން އަރައިގަނެވިދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެއަރ މޮރިޝަސް ދަތުރުކުރާ ޤައުމުތަކުގެ ތެރޭގައި، އޭޝިޔާގެ އިތުރުން އެފްރިކާ، ޔޫރަޕްގެ ޤައުމުތައް ހިމެނެއެވެ.