ފިލިޕީންސް އާއި ބަންގާޅުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެކި ޤައުމުތަށް އަންނަނީ ލޮކްޑައުން ކުރަމުންކަމަށް ވާތީވެ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަންނަން ބޭނުންވެގެން ސަރުކާރުގެ އެހީއަށް ގިނަ ބަޔަކު ދަނީ އެދެމުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ޝާހިދު ވިދާޅުވީ، ފިލިޕީންސް އާއި ބަންގާޅުގައި ތިބި 100 އަށް ވުރެ ގިނަ ދިވެހި ރައްޔިތުން ރާއްޖެ ގެނެއުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ދަނީ އަވަދިނެތި ކުރަމުން ކަމައްށާއި އަދި ނޭޕާލް އެއަރޕޯޓުގައި ތިބި 21 ދިވެހިންގެ ފްލައިޓްތައް ކެންސަލްވުމާގުޅިގެން އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީ ސަރުކާރުން ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލު ސަރުކާރުން ބަލަމުންދާކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ.