ރެޕް ކުރުމުގެ ދާއިރާއިން އެންމެގެ މަގްބޫލުކަން ހޯދާފައިވާ ކަތީބު ދަރި ނުވަތަ ޓޯއީ ރޭގައި ނެރުނު ”ލޯބީގެ ލަވަ“ މިފަހަރު މުޅިން ތަފާތެވެ.

ކަތީބު ދަރި ”ކުއްލި ޚަބަރު“ އަށް ދިން އިންޓަވިއުގައި ބުނީ، ކަތީބު ދަރި އަކީ ޓޯއީގެ މުޅިން އެހެން ވާޝަން އެއް ކަމަށާއި އަދި ”ކަތީބު ދަރި“ ޓޯއީ އަށް ވުރެ މާ ބޮޑަށް ވެސް ތަފާތު ވާނެ ކަމަށެވެ.

ރޭގައި ނެރުނު ލަވަ އަކީ ”މާޒީގައި ކުރިމަތިވެގެން ދިޔަ ބޮޑު އިމްތިހާނަކުން ލިބުނު އަގު ހުރި ފިލާވަޅު“ ތަކެއްގެ މައްޗަށް ހަދާފައިވާ ޚިޔާލީ ލަވައެއް ކަމަށްވެސް ކަތީބުދަރި ބުންޏެވެ.
ކަތީބު ދަރީގެ ’ރިހުމެކެ‘ މި ލަވައިގެ ޅެމުގައި ބުނެދޭ ވާހަކަތައް އޭނާގެ އެހެން ލަވަ ތަކާއި މުޅިން ތަފާތެވެ. އަދި މި ލަވަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އަޑު އަހައި ލަވައަށް ވަނީ ބޮޑު ތަރުހީބު ލިބިފައެވެ.
ކަތީބުދަރި ބުނާ ގޮތުގައި މި ލަވަ އަޑު އެހޭނީ ލަވަފޮށިން އަދި ބައިސްކޯފުންނެވެ.
ޓޯއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހިޕްހޮޕް އިންޑަސްޓްރީން ފެނިފައިވަނީ ސިމްބޮލިކް ރިކޯޑްސް އިން 2017 ވަނަ އަހަރު ނެރުނު ”ލަފުޒަކުން“ ނަމަކަށް ކިޔާ އޭނާގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވައަކުންނެވެ.
ޓޯއީ އަންނަނީ އަބަދުވެސް ބެލުންތެރިންނާ ހަމައަށް ގިނަ އަދަދެއްގެ، މީހުން ގަޔާވާފަދަ ރީތި ލަވަ ތަކެއް ގެނެސް ދެމުންނެވެ. ނިމިގެން ދިޔަ އަހަރު ޓޯއީ ވަނީ އޭނާގެ ފުރަތަމަ އަލްބަމް ތިނެއް އެކެއް އަށެއް، 11 ލަވައާއި އެކު ނެރިފައެވެ.
ކަތީބުދަރި އަކީ ގިނަ އަދަދެއްގެ ޒުވާނުންގެ ލޯބި ހޯދާފައިވާ މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ ފާސްޓް އެއް ރެޕަރެވެ.