ކޮރޯނާވައިރަސް ފެތުރި މާލެއާއި ބައެއް އިތުރު ރަށްތައް މިވަނީ ފުރަބަންދުވެ، ޤައުމުގެ އެތައްކަމެއް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށްވަދެ، އެތައް ކަންތައްތަކެއް މިވަނީ ދަތިވެފައެވެ. ކަން މިހެން އޮތް އިރު، ނިމުނު އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ފުރަބަނދަށް ގެނައުމާއި އެކު، މާލޭގައި ކައިވެނި ކޮށްދޭ ފެމިލީ ކޯޓުގެ މުވައްޒަފުންވެސް ވަނީ ގެއަށް ފޮނުވާލާފައެވެ.

އެތައް ބަޔަކު ކައިވެނި ކުރުމަށް ހުށަހަޅާފައިވާއިރު، ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރު ބަންދުކުރުމާއި ގުޅިގެން، މާރޗް 18ވަނަ ދުވަހު ފެމިލީ ކޯޓުން އެކޯޓުގެ ވެބްސައިޓުގައި ކޮށްފައިވާ އިޢުލާނާއި އެކު އެކޯޓުގެ ޚިދުމަތްތައް ދެމުން އައީ އޮންލައިންކޮށެވެ. އަދި މުވައްޒަފުން ނެރެގެން މަސައްކަތްކޮށ ޚިދުމަތް ދެމުން އައީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިނ މެންދުރު ފަހު 2:00 އާއި ހަމައަށެވެ. މިކަމުގެ ސަބަބުން އެކި ތާރީޚުތަކުގައި ކައިވެނިކުރުމަށް ހުށަހަޅާފައިވާ ކައިވެނިތައް ވަނީ ލަސްވެގެން ގޮސްފައެވެ.
ކަން މިހެން އޮތް އިރު، މިދިޔަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހު، މާލެ ފުރަބަންދު ކުރުމާއިއެކު، އެކޯޓުގެ މުވައްޒަފުންވެސް ގެއަށް ފޮނުވާލި ފަހުން، އެކޯޓުން ދެމުން އައި ޚިދުމަތްތަކާއި މެދު އެއްވެސް ބަހެއް ވަނީ ޢާއްމުންނަށް ނުލިބިފައެވެ. ކައިވެނިތަކަށް ހުށަހަޅާފައިވާ ފަރާތްތަކުންނާއި އެކި ފަރާތްތަކުން ސޯޝަލްމީޑިއާގައި މިކަމުގެ ކަންބޮޑުވުންތައް އައީ ފާޅުކުރަމުންނެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް އެކުލަވާލައި މި މަހުގެ ހަތަރު ވަނަ ދުވަހު އަމަލުކުރަން ފެށިކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފައެވެ.
ފެމިލީ ކޯޓުން އެގޮތަށް އަންގާފައިވީނަމަވެސް، އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން އެތައް ބަޔަކު ތިބީ މަޢުލޫމާތު ލިބިފައި ނުވެ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޮންލައިންކޮށް ކައިވެނި ކޮށްދޭން ފެށިކަން އަނގާފައިވީނަމަވެސް، އަދި ފެމިލީކޯޓުން އެކަމަށް ކަނޑައެޅި އުސޫލެއްވެސް، އަދި ޕޯޓަލްއެއްވެސް ކޯޓުގެ ވެބްސައިޓުން އަދި ފެންނާން ނެތްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ގިނަބަޔަކު އަދިވެސް ތިބީ މިކަމުގައި ކުރިއަށް ނުދެވި، ހަދަންވީ ގޮތެއް، އަދި ވާނުވާއެއްވެސް ނޭގިފައެވެ.
ކައިވެންޏަށް ހުށަހަޅާފައިވާ، ނަން ހާމަ ނުކުރުމަށް އެދޭ ފަރާތަކުން ކުއްލި ޚަބަރު ނޫހަށް މަޢުލޫމާތު ދިން ގޮތުގައި، އެމީހުން ކައިވެނި ކުރުމަށް ހުށަހަޅާފައިވަނީ އޭޕްރީލް 15 ގެ މާކުރިންނެވެ. އަދި އޭރުވެސް ފެމިލީކޯޓާއި ރަށުކޯޓުތައް މަސައްކަތް ކުރަމުން އަންނަނީ ހަފްތާއަކު ދެދުވަހު ކަމުން އެފަރާތުންވެސް ކައިވެނީގެ ފޯމް ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ނަމަވެސް އޭޕްރީލް 15 ވަނަ ދުވަހު މާލެ ފުރަބަންދުކުރުމާއި ހަމައަށްވެސް، ރަށުކޯޓުން ރެކޯޑް ސާފުކުރެވޭގޮތް ނުވުމާއި އެކު އެދިފައިވާ ދުވަހަށް ކައިވެނި ވަނީ ނުވެފައެވެ. އަދި އެދުވަހުގެ ފަހުން މިއަދާއި ހަމައަށްވެސް އެފަރާތަށް ފެމިލީ ކޯޓުން އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށާއި، އޮންލައިންކޮށް ކައިވެނި ކޮށްދޭން ފެށިކަން މީޑިއާއިން އެނގިގެން، ކޯޓާއި މުޢާމަލާތު ކުރުމަށް ކުރި ހުރިހާ މަސައްކަތެއްވެސް ވަނީ ނާކާމިޔާބުވެފައި ކަމުގައި ހާމަ ކުރިއެވެ. މިގޮތުން ފަހުން ކުރި އީމެއިލްތަކަށްވެސ ޖަވާބު ލިބިފައިނުވާއިރު، ފަމިލީ ކޯޓުގެ އެއްވެސް ނަންބަރަކުންވެސް ޖަވާބުދާރީ ނުވެއެވެ. ނަން ހާމަ ކުރަން ނޭދޭ، މ އަތޮޅުގެ ރަށެއްގެ ފަރާތަކުންވެސް ބުނީ އެފަރާތުން ކައިވެނި ކުރަން މަސައްކަތް ކުރާތާ 2 މަސްދުވަސްވެފައިވާއިރު އަދިވެސް ވަނީ އެކަން ވާގޮތް ނުވެފައެވެ. އަދި އެރަށު ކޯޓުން ފެމިލީ ކޯޓާއި މުޢާމަލާތު ކުރުމަށް މަސައްކަތްކޮށް އެކަން އަދިވެސް ވަނީ ވާގޮތް ނުވެފައި ކަމުގައިވެސް އެފަރާތުން ހާމަކުރެއެވެ. ކަން މިހެން އޮތްއިރު ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނި ކޮށްދޭކަމަށް ބުނެ ހާމަކޮށްފައިވާ ވާހަކަތަކަކީ ވަކި ބައެއްގެ ބޭނުމަކަށް، ވަކި ކައިވެންޏެއް ކޮށްލުމަށް ޖައްސާލި ސްޓަންޓެއްތޯ އެފަރާތްތަކުން ދަނީ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ އެތައް ފަރާތެއް ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، ކައިވެނި ކުރަން އެދި، ކޯޓުގެ މަސައްކަތްތައް ލަސްވެ އެކަމަށް އެދުނު ފަރާތްތައް އޮޅުމެއްގައި ތިބެ ކައިވެނި ލަސްވެގެން ދިއުމަކީ އެކަމުގެ ސަބަބުން އެތައް ފަސާދައެއް ނުކުމެދާނެ ކަމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޢާންމުންގެ މެދުގައި ޝަކުވާތަކާއި ކަންބޮޑުވުންތައް މިފަދައިން ހުއްޓައި ބައެއް މީޑިއާތަކުގައި މިއަދު ވަނީ ފެމިލީ ކޯޓުން ފުރަތަމަ ކައިވެނި އޮންލައިންކޮށް ކޮށްދީފި ކަމުގެ ޚަބަރުތައް ޢާއްމުކޮށްފައެވެ. ނަމަވެސް ޙަޤީޤަތަކީ މިއަދު ކޮށްދީފައިވަނީ ކައިވެންޏެއް ނޫނެވެ. ވަރިވެފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނީއެވެ. ރަޖުޢީ ވަރިއަކުން ވަރިވެފައިވާ ދެމީހަކު، އަންހެން މީހާގެ ޢިއްދައިގެ މުއްދަތުގައި ކައިވެނި ރުޖޫޢަ ކުރުމަށް ކިޔަނީ ކައިވެނި ރުޖޫޢަކުރުމެވެ. ކައިވެންޏެއް ކަމުގައި ޝަރުޢީ ގޮތުން ބެލެނީ، އައު ވަލީއަކާއި އެކު، އައު އަޤުދެއްގެ މައްޗަށް ހެކިވެރީން ހެކިކޮށް ޢަޤުދުކޮށް ކައިވެނި ކޮށްދިނުމަށެވެ. އެހެންކަމުން މިއީ، ނަމުގެ ގޮތުންވެސް އަދި ކަމުގެ ގޮތުންވެސް ޝަރުޢުގައި މުޅީން ތަފާތު ދެކަމެކެވެ. މިޚަބަރާއި އެކު ކައިވެނި ކުރުމަށް ހުށަހަޅާފައިވާ އެތައ ފަރާތަކުން އަދިވެސް ތިބީ ކޯޓުގެ ޚަބަރެއް ނެތުމުގެ ސަބަބުން ވާނުވާ ނޭނގި ކަންބޮޑުވުމެއްގެ ތެރޭގައެވެ.