ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު)ގެ ކޮއްކޮ ހަސަން ޝާހް ގަން ރީޖަނަލް ހޮސްޕިޓަލްގެ އެކަމަޑޭޝަން ބްލޮކެއްގެ ވީއައިޕީ ރޫމެއްގައި ކަރަންޓީން ފުރިހަމަ ކުރަމުން ގެންދަނީ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކަމަށް ބުނެ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

”ކުއްލި ޚަބަރު“ އަށް ގަމުން މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި ޝާހް އަކީ މެންބަރު ސަމްޕަތުގެ މަންމަ ފަރާތު ކޮއްކޮއެކެވެ. އޭނާ އަކީ ގަން ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފެކެވެ. ”އޭނާ އަކީ ހޮސްޕިޓަލްގެ މުވައްޒަފެއް. ނަމަވެސް އޭނާ ކަރަންޓީންގައި ހުރީ އޮންނަ އުސޫލާއި ހިލާފަށް ނުފޫޒު ބޭނުން ކޮށްގެން. ކޮބައިތޯ ޒީރޯ ޓޮލަރެންސް“ ގަމުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އިތުރު މީހަކު ބުނީ ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު މަގާމުގައި ދެމިހުންނަން މެންބަރު ވިސާމްގެ ގާތް މީހުންނާއި ގުޅިގެން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަމުން ގެންދާ ކަމަށެވެ. ”އަލީ ނަޝީދަކީ މީގެ ކުރިން ވެސް ވައްކަމުގެ ކުށް ޝަރީޢަތައް ސާބިތުވެފައިވާ މީހެއް. މިހާރު ވެސް އޭނާ ކުރާކަމަކީ ވައްކަން.“ މައުލޫމާތު ދިން އިތުރު މީހަކު ބުންޏެވެ. މިކަމާއި ގުޅިގެން ގަމު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިގެން އެރަށު ރައްޔިތުން ގެންދަނީ ކެނޑިނޭޅި އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.