ކޯވިޑް-19 އާ ގުޅިގެން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 ޚާއްޞަ ޑޭޓާއެއް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫގެ ފަރާތުން މިފަދަ ބޯނަސްއެއް ދޭގޮތަށް ހަމަޖައްސާފައި މިވަނީ، މިދުވަސްވަރުގައި ކަސްޓަމަރުން އިންޓަރނެޓް ބޭނުންކުރުން އިތުރުވާނެތީ ކޮވިޑް-19 އާ ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
މިހިނގާ މާރިޗު މަހުގައިވެސް ލިބިގެންދާ މި ބޯނަސް، އޭޕްރީލް މަހުގައިވެސް ލިބޭގޮތަށް އުރީދޫއިން ވަނީ ހަމަޖައްސާފައެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް މި ބޯނަސް ޑޭޓާ ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.
މިގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު، ދައްކަންޖެހޭ ތާރީޚަށް ނުދެއްކުނު ނަމަވެސް، ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.