އދ.ދިގުރަށު ގޮނޑުދޮށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 18 ޕެކެޓެއް ފެނިއްޖެއެވެ.

އދ.ދިގުރަށު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޢަލީ ޝަމީމް ވިދާޅުވީ، މި ޕެކެޓްތައް ފެނިފައި މިވަނީ އިއްޔެގެ ހަވީރު ވަގުތެއްގައި ރަށުގެ ގޮނޑުދޮށުން ކަމަށާއި، ޕެކެޓްތަކުގެ ބޭރުގައި ލޭބަލްކޮށްފައިވަނީ ސައިފަތް ނޫނީ ކޮފީ ފަދަ ޕެކެޓެއް ސިފަވާގޮތަށް ކަމަށާއި، އޭގެ ކޮންމެ ޕެކެޓެއްގައި 1 ކިލޯ ހުންނަކަމަށާއި، މިހާރު އެ ޕެކެޓްތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.
ޢަލީ ޝަމީމް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެ ޕެކެޓްތައް ފުރަތަމަ ފެނުނީ ރަށުގެ މީހުންތަކަކަށް ކަމަށާއި، އެމީހުން އޭގެ އެއް ޕެކެޓް ބުރިކޮށްލާފައި ބެލުމަށްފަހު މޫދަށް އެއްލާލި ކަމަށާއި، އެ ޚަބަރު ފުލުހުންނަށް ދިނީ އެމީހުން ކަމަށާއި، ފުލުހުން ގޮސް ބެލިއިރު، ފެނުނީ ހުސް ޕެކެޓް ކަމަށާއި، އޭގެތެރޭގައިހުރި ތަކެތި ނުފެނުން ކަމަށެވެ.
މި ޕެކެޓްތަކުގެ ތެރެއިން ބައެއް ޕެކެޓްތަކުގެ ބޭރުގައި ލޭބަލްކޮށްފައިވާއިރު ލިޔެފައި ހުރީ ޗައިނާ ބަހުންނެވެ. ޕެކެޓް ތަކުގެ ބޭރުގައި ކޮފީ ޖޯޑެއް ވެސް ކުރަހާފައިވެއެވެ.
މި ޕެކެޓްތައް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް، ކަނޑައެޅިގެން އެއީ މަސްތުވާތަކެތި ކަމެއް ފުލުހުން ޔަޤީންކޮށް ނުދޭކަމަށާއި، މި މައްސަލާގައި ރަށުގެ މީހަކަށް ނުވަތަ ވަކި ބަޔަކަށް ޝައްކުވާކަން މިހާތަނަށް އެނގިފައިނުވާކަމަށްވެސް ޢަލީ ޝަމީމް ވިދާޅުވިއެވެ.
މި ޕެކެޓްތަކަކީ، ރަށަށް ލައްގާފައިވާ ތަކެތިކަމަށް ބޮޑަށް ބެލެވޭތީ، އެފަދަ ތަކެތި އިތުރަށް ރަށަށް ލައްގާތޯ ބަލާނެކަމަށާއި، އެކަމުގައި ކައުންސިލްގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ޢަލީ ޝަމީމް ވިދާޅުވިއެވެ.