އެޗް.އައި.އެޗް އިން ކަރަންޓީނުކުރުމަށް އެހެން ދެ ރިސޯޓަކަށް މީހުން ބަދަލުކުރުމުގައި ސުވާލު އުފެދޭތީ އެ މައްސަލަ ބަލަމުންދާކަމަށް ސަރުކާރުގެ ފަރާތުން މަބްރޫކް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެޗް.އައި.އެޗް ގައި ތިބި ބައެއް ފަރާތްތައް ދެ ރިސޯޓެއްގައި ކަރަންޓީނުކުރުމަށްޓަކައި ބަދަލުކުރިއިރު އިޖުތިމާޢީ ގައިދުރުކަން ނެތްކަމަށް ބުނާ ޝަކުވާއަކާ ގުޅިގެން އެޗް.ޕީ.އޭގެ ފަރާތުން އެމައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ބޭއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ސިއްހީ މާހިރުން ދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އާންމު ރައްޔިތުން އާންމު ދިރިއުޅުމުގައި އަދި ގިނަމީހުން އެއްވެއުޅޭއިރު އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާއިރު، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުކުރޭ މީހުންނާމެދު އިޖުތިމާޢީ ގައިދުރުކަން ނެތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސީރިއަސްކަމާއެކު މިފަދަ ކަންކަން ބަލައި އެފަދަ ކަންކަން ވިޔަނުދިނުމަށް ދުރާލާ ފިޔަވަޅުތައް އަޅަންޖެހެއެވެ. އަދި މިހާރު އަލާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ބަލައި ހަރުދަނާކުރަންޖެހެއެވެ.