ވަޓްސްއެޕުން ކުރާ މެސެޖުތައް، ވަކި ވަގުތެއް ފަހުން އަމިއްލައަށް ފޮހެވޭ އާ ފީޗާއެއް އެ އެޕުން އުފައްދަން ފަށައިފިއެވެ.

“ޑިސަޕިއަރިން މެސެޖެސް” މި ފީޗާ އެންމެ ފުރަތަމަ ހިމަނާފައިވަނީ އެންޑްރޮއިޑް އެޕްގެ ޕަބްލިކް ބީޓާ ވާޝަން އަކަށެވެ.
މި ފީޗާ އެންމެ ފުރަތަމަ ހޯދީ، އިތުބާރު ކުރެވޭ މައުލޫމާތުތައް ހާމަކުރާ ޓުވިޓާ ޔޫސާ ޑަބްލިއޭބީޓާއިންފޯ އިން ބުނީ، އެ ފީޗާ މިހާރު އިންނަ ގޮތުން ކުރާ މެސެޖުތައް ފަސް ސިކުންތާއި ގަޑިއިރަކާ ދެމެދުގެ ވަގުތެއްގެ ތެރޭގައި އަމިއްލައަށް ފޮހެވޭ ގޮތަށް ސެޓް ކުރެވޭނެއެވެ.
އަދި މި ފީޗާ ބޭނުން ކުރެވޭނީ ވަޓްސްއެޕްގެ ގުރޫޕް ޗެޓްތަކަށް އެކަނި ކަމަށް ބުނެފައިވެއެވެ.
ޑަބްލިއޭބީޓާއިންފޯއިން ބުނީ، އެ ފީޗާ އުފެއްދުމުގެ ކުރީކޮޅުގައި އުޅޭތީ، ރަސްމީކޮށް ފީޗާ ލޯންޗުކުރާއިރު ބަދަލުތަކެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ފީޗާ މިވަގުތު ބައެއް މީހުންނަށް ލިބުނު ނަމަވެސް، އެންމެންނަށް މި ފީޗާ ލިބޭނެ ގޮތް ހަދާނީ ކޮންއިރަކު ކަމެއް އަދި ނޭނގެއެވެ. ވަޓްސްއެޕުން ވެސް އަދި މި ފީޗާއާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ވަކި ވަގުތެއް ފަހުން ކުރާ މެސެޖުތައް އަމިއްލައަށް އެއްކޮށް ފޮހެވޭ ފީޗާއެއްގެ ސަބަބުން ވަޓްސްއެޕުން ރައްޓެހިންނާއި އަދިވެސް އެހެނިހެން މީހުންނާއެކު މުހިންމު ނުވަތަ ސިއްރު މައުލޫމާތެއް ހިއްސާކުރަން ބޭނުންވާ މީހުންނަށް މުހިންމު ފީޗާއަކަށް ވެގެންދާނެއެވެ.
މި ފީޗާއަކީ މެސެޖިން ކްލަޔަންޓް ޓެލެގުރާމްގައި ވެސް ހިމެނޭ މުހިންމު ފީޗާއެކެވެ. ޓެލެގުރާމްގައި ހިމެނޭ “ސީކްރެޓް ޗެޓް” ފީޗާގެ ސަބަބުން ދެ މީހެއްގެ ދެމެދު ދައްކާ ވާހަކަތައް ވަކި ވަގުތެއް ވުމުން އަމިއްލައަށް ފޮހެވޭނެއެވެ.