އިނގިރޭސިވިލާތަށް ނިސްބަތްވާ ސައިންސްވެރިންތަކެއް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތްތައް ބަލައި އެވައިރަސް ކިބައިން ފާޅުވާ ބަދަލުތަކާއި އަންނަ ކުރިއެރުންތައް ޖީން ސީކުއެންސިން ބޭނުންކޮށްގެން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން އެޤައުމުގެ އެކި ސަރަހައްދުގައި ކޮވިޑް-19 އެތައް ހާސް ބަޔަކަށް ޖައްސާ ވައިރަސްތައް ދިރާސާކޮށް އަޅައިކިޔުމަށް ސައިންސްވެރިން ތައްޔާރުވެފައިވާ ކަމުގައި އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތާއި ވޭލްސް އަދި އުތުރު އަޔަރލޭންޑުގައި ބަލިޖެހިފައިވާ ފަރާތްތަކުގެ ސާމްޕަލްތައް ޖަމާކުރެވި އެސާމްޕަލްތަކުން ލިބޭ މަޢުލޫމާތު ބާހިސުން އެމީހުންގެ ދިރާސާތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމުގައި އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19 ބަލިޖެހިގެން މިހާތަނަށް 281 އިނގިރޭސި ރައްޔިތުން މަރުވެފައިވެއެވެ. ކޮވިޑް-19 އަކީ ޗައިނާގެ ވޫހާން ޝަހަރުން ފެނި މުޅި ދުނިޔެއަށް ފެތުރިގެން ގޮސް ވަބާއަކަށްވެފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔަށް ދީފައިވާ ނަމެވެ.
އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އިންގްލޭންޑުގެ ނޭޝަނަލް އިންފެކްޝަން ސާރވިސްގެ ޑައިރެކްޓަރ ޝެރޯން ޕީކޮކް ވިދާޅުވެފައިވަނީ މިބައްޔަކީ ފަހުގެ ތާރީޚުގައި އިނގިރޭސިވިލާތުން ކުރިމަތިލާފައިވާ އެންމެ ބޮޑު ނުރައްކާ ކަމުގައެވެ. އަދި މިބަލި ފެތުރޭ ގޮތް ރަނގަޅަށް ދެނެގަނެވި ފަހުމުވުމަކީ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ޖައުހަރީ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ފަތުރާ ވައިރަސްގެ ސާމްޕަލްތައް ތަޙުލީލުކޮށް ޗާޓުކޮށް، އެވައިރަސްގެ ފުރިހަމަ ޖެނެޓިކް ކޯޑު ކުރެހުމަށް އިނގިރޭސި ސައިންސްވެރިން މުޅި ޤައުމުގައި ޓީމުތަކަކަށް ބެހިގެން ހަރަކާތްތެރިވާނެއެވެ.
ޖެނެޓިކް ސީކުއެންސް ނުވަތަ ވައިރަސްގެ ޖީނޯމްގެ ޗާޓު ދެނެގަނެވިއްޖެނަމަ އެކަމުގެ ސަބަބުން ވައިރަސް ބޮޑަށް ދެނެގަނެވި ފެތުރޭ ގޮތްތައް ފަހުމުވުމަށް ފަސޭހަވާނެ ކަމުގައާއި އެކަމުގެ ސަބަބުން މުސްތަޤުބަލުގައި ބައްޔަށް ފަރުވާކުރުމަށް ފަސޭހަވާނެ ކަމުގައި ސަރުކާރުގެ ސައިންޓިފިކް އިސް މުސްތަޝާރު ޕެޓްރިކް ވެލާންސް ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
ވަބާތައް ފެތުރިގެން ދާއިރު ޖެނެޓިކް ސީކުއެންސްކުރުމުން ވައިރަސްއަށް ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި އަންނަ ކުދި ބަދަލުތައް ދެނެގަނެވި ބަލި ފެތުރޭ ގޮތްތައް އެނގިގެންދާނެއެވެ. އޭގެ އިތުރަށް ބަލި ޖައްސާ ވައިރަސްގެ އައު ބާވަތެއް ފާޅުވާން ފަށާނަަމަ އެކަންވެސް ދެނެގެނެވޭނެއެވެ.
ބަރމިންހަމް ޔުނިވަރސިޓީގެ މައިކްރޯބައަލް ޖީނޯމްސް ޕްރޮފެސަރެއް ކަމުގައިވާ ނިކް ލޯމާން ރޮއިޓަރސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިވަގުތު ޖެނެޓިކް ސީކުއެންސް މެދުވެރިކޮށް ޖަވާބުދެވޭނެ އެންމެ މުހިއްމު ސުވާލަކީ އިނގެރޭސިވިލާތަށް އެކި ގޮތްތަކުން އެތެރެވެފައިވާ ކޮވިޑް-19އާ ގުޅޭ ސުވާލުތަކަށް ކަމުގައެވެ.
ކޮވިޑް-19 ޖީނޮމިކްސް ޔޫކޭ ކޮންސޯޓިއަމްގެ ނަންދީފައިވާ 20 މިލިއަން އިނގެރޭސި ޕައުންޑުގެ އަގުހުރި ޕްރޮޖްކްޓުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ވެލްކަމް ސަންގަރ އިންސްޓިޓޫޓެވެ. މިމުއައްސަސާއަކީ ޖެނެޓިކް ދިރާސާތަކަށް ޚާއްޞަ މުއައްސަސާއެކެވެ. އޭގެ އިތުރަށް ޕަބްލިކް ހެލްތު އިންގްލޭންޑާއި އެނޫންވެސް ޢާންމު ޞިއްޙަތާ ގުޅުންހުރި މުއައްސަސާތަކާއި ޤައުމީ ޞިއްޙީ ޚިދުމަތުގެ އެކި ގޮފިތަކާއި ޢިލްމީ މުއައްސަސާތައް މިމަޝްރޫގައި ބައިވެރިވާނެއެވެ.
މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ އޮކްސްފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޕައުލް ކްލެނަރމަން ވިދާޅުވެފައިވަނީ ހުރިހާ ވައިރަހެއްވެސް ވަގުތާއެކު ބަދަލުތަކެއް ޖަމާކޮށް އެއްކުރާ ކަމުގައެވެ. ބައެއް ވައިރަސްތައް އެބަދަލުތައް ލިބިގަނެ ރައްކާކުރަނީ އެހެން ވައިރަސްތަކަށްވުރެ ހަލުއިކޮށެވެ. އަދި ކޮވިޑް-19އަށް މިބަދަލުތައް އެއްކުރަން ފެށުނީ ކަމުގައެވެ. އެހެންކަމުން މިހާރުއްސުރެ އަންނަމުންދާ ފާޅުވާ ހުރިހާ ބަދަލުތަކެއް ރެކޯޑުކުރެވިދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.