މާލޭ ސަރަހައްދުތަކުގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެނޫންވެސް އެފަދަ ކުލާސްތަކާއި ގްރޫޕް ކަސްރަތު ޙަރަކާތްތައް ހިންގުން ވަގުތީގޮތުން ހުއްޓާލުމަށް އަންގައިފިއެވެ. މިގޮތަށް އަންގާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުނު އަމުރެއްގައެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުނު މި އަމުރުގައިވާ ގޮތުން، މިރޭ (29 މާރިޗު 2020) ގެ 12:00 އިން ފެށިގެން ވަކިގޮތެއް އަންގެންދެން ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ހުއްޓާލަން ޖެހެއެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާ ޢަމުރުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަން ކަމާބެހޭ ފަރާތްތަކުން ގެންދަނީ ވިދާޅުވަމުންނެވެ.