ވ.ކެޔޮދޫ އިން ކޮވިޑަށް ޝައްކުކުރެވޭ މީހަކު ފެނިގެން ސާމްޕަލް ނެގުމަށްޓަކައި އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

ސަރުކާރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ވ.ކެޔޮދޫ ދިވެއްސެއްގެ ފަރާތުން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގައި ކެޔޮދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށެވެ.
ރާއްޖޭގެ މިވަގުތުގެ ޙާލަތަށް ބަލާއިރު، މިހާތަނަށް ފައްސިވެފައިވަނީ 19 މީހެކެވެ. ފައްސިވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިވަގުތު ފަރުވާދެމުންދަނީ 4 ދިވެހިންނެވެ. ފައްސިވި 19 މީހުންގެ ތެރެއިން ރާއްޖެއިން އިޓަލީއަށް ފުރުވާލި ދެމީހުން ހިމެނެއެވެ.