ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި ފުރަތަމަ ފަތުުރުވެރިޔާ ފުރުވާލީ ކުރެއްދޫ ރިސޯޓުން ނޫންކަމަށާއި، ފަތުރުވެރިޔާ ފުރުވާރީ އޭނާގެ އޭޖެންޓުކަމަށް ކުރެއްދޫ ރިސޯޓުގެ ވަކީލު ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މުޙުސިން މިހެން ވިދާޅުވެފައިވަނީ، އިޓަލީ ފަތުުރުވެރިޔާ ފުރުވާލީ ކުރެއްދޫ ރިސޯޓުންކަމަށް ތުހުމަތުކުރާތީ، އެކަމާ ގުޅޭގޮތުން މީޑިއާއަކަށް ދީފައިވާ އިންޓަވިއެއްގައެވެ. މުހުތާޒު ވިދާޅުވެފައިވަނީ، ފަތުރުވެރިޔާ ފުރުވާލުމުގައި ރިސޯޓުގެ އެއްވެސް ރޯލެއް ނޯންނާނެކަމަށެވެ. އަދި މިމައްސަލާގައި ކުރެއްދޫ ރިސޯޓާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ޤަނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް ބަލާނެކަމަށާއި، އެކަމަކީ ކުޑަކަމެއްގެ ގޮތުގައި ނުބަލާނެކަމަށެވެ.
މައްސަލާގައި ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަށް ފުލުހުންގެ ފަރާތުން މިއަދުވަނީ ކުރެއްދޫ ރިސޯޓަށް ވަޑައިގެންފައެވެ. އެގޮތުން މައްސަލައާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށްފައިވާއިރު، ފުލުހުންނާއެކު ކުރެއްދޫ ރިސޯޓުގެ ވަކީލު މުހުތާޒު މުޙުސިންވެސް ވަނީ ރިސޯޓަށް ގޮސްފައެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއިން ފުރުމުގެ ކުރިން އިޓަލީ ފަތުުރުވެރިޔާގެ ފަރާތުން ކޮވިޑުގެ އަލާމާތްތަކެއް ފެނިފައިވަނިކޮށް އޭނާ ފުރުވާލި މައްސަލައަކީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ފުލުހުން ވިދާޅުވެފައިވަނީ، އިޓަލީ ފަތުުރުވެރިޔާގެ ފަރާތުން ކޮވިޑުގެ އަލާމާތްތަކެއް ފެނުނުނަމަވެސް ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމުގައި ފަރުވާކުޑަކޮށް، ރިސޯޓުން އެކަން ސިއްރުކުރިކަމަށެވެ.
މިމައްސަލާގައި ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔާ ބެލި ޑޮކްޓަރަށް ތުހުމަތުތަކެއް ކުރެއެވެ. އެ ޑޮކްޓަރުވެސް ކޮވިޑަށް ފައްސިވިނަމަވެސް މިހާރު ޑޮކްޓަރު ވަނީ ބަލިން ރަނގަޅުވެފައެވެ. މައްސަލާގައި ޑޮކްޓަރުގެ ޕާސްޕޯޓްވެސް ވަނީ ހިފަަހައްޓާފައެވެ.