މިދުވަސްވަރު ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެންމެން ވެސް ގޭގައި ތިބުމަށް އިރުޝާދު ދެވިފައިވާއިރު، ގޭގައި ތިބޭ ދުވަސްތަކުގައި ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި މިފަދަ ވަގުތުގައި ކެއިންބުއިން މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

އިސްރާފުކުރުމުގެ ނުބައިކަމާއި ގުޅޭ ގޮތުން ދިން ހުކުރު ހުތުތުބާގައި ވިދާޅުވީ، މިފަދަ ބަލިމަޑު ކަމުގެ ދުވަސްވަރެއްގައި ކާބޯތަކެތިން އިސްރާފު ކުރުމާއި، ތިމާ ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުން ދީން ހުއްދަ ނުކުރާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާ ދައްކަންވީ ވަގުތު އައިސްޖެހިއްޖެ ކަމަށާއި މުއްސަނދިން ވެސް އެމީހުންގެ ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު ޖެހިއްޖެކަން ހަނދާން ކޮށްދީފައިވެއެވެ.
ހުތުބާގައި ވިދާޅުވީ މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށްޓަކައި ހެޔޮކަމުގެ މަގަށް ރުޖޫއަވެ، ނުބައިކަންކަމުން ދުރުހެލިވާންޖެހޭ ކަމަށާވެ. ފާފަތަކުން ތައުބާވެ އިސްތިއުފާރު ކުރުމަކީ މުސީބާތްތަކުން މިންޖުވާން އޮތް މަގު ކަމުގައި ވެސް ހުކުރު ހުތުބާގައި ބުނެފައިވއެވެ.
އަދި ބަލި މަޑު ކަމުން އަރައި ގަތުމަށް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.