ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑަށް ފައްސިވި ދެމީހުން ބަލިން ރަނގަޅުވުމުން މިއަދު ޑިސްޗާޖްކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ބަތަލާ ރިސޯޓުން ކޮވިޑަށް ފައްސިވި ދެމީހުންނަށް ފަރުވާ ދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށާއި، އެދެމީހުން ބަލިން ރަނގަޅުވުމުން މިއަދު ޑިސްޗާޖް ކޮށްފައިވާކަމަށެވެ. އެދެމީހުން މިއަދު ޑިސްޗާޖްކުރީ އެމީހުންގެ ޤައުމަށް ފުރުވާލެވޭގޮތަށް ހަމަޖެހުމުން ކަމަށެވެ. އެމީހުން ފުރާނީ މާދަމާގައިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 19 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާ ދެމުންދަނީ 4 މީހެކެވެ. މިހާތަނަށް 1443 ސާމްޕަލް ނަގާފައިވާއިރު 1364 ސާމްޕަލްއެއް ވަނީ ނައްސިވެފައެވެ. ނަތީޖާ ނުލިބި 51 ސާމްޕަލްއެއް ހިމެނެއެވެ.