ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުުންގެ ތެރެއިން 49 މީހަކު މާދަމާގައި ދޫކޮށްލުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު މާދަމާގައި ހަމަވާ 49 މީހަކު ހިމެނޭކަމަށާއި، އެމީހުންގެ ނަތީޖާ މާދަމާގައި ލިބޭނެކަމަށެވެ. އެގޮތުން، މާދަމާގައި ނަތީޖާ ލިބޭ މީހުން ކޮވިޑަށް ނައްސިވެއްޖެނަމަ، އެ އެންމެ ދޫކޮށްލާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، މާދަމާގައި ދޫކޮށްލާ މީހުންގެ ޢާއިލާތަކަށް އެމީހުން ދޫކޮށްލާނެ ވަގުތާއި، އެމީހުންނާ ޙަވާލުވުމަށް ދާންޖެހޭ ސަރަހައްދު އަންގާނެކަމަށާއި، ކޮންމެ ޢާއިލާއަކުންވެސް އެކަކު ދިއުމަށް އެދޭކަމަށް ވިދާޅުވިއެވެ.