މާލޭ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ކާފިއު ވަގުތުގައި މިހާތަނަށް 379 މީހަކު ގަވާއިދާ ޚިލާފުވިކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ކޮވިޑް19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މާލޭ ސަރަހައްދުގައި 02 އޭޕްރީލް 2020 އިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 05:00 ން ރޭގަނޑު 08:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗަށް މީހުން ނުކުމެ އުޅުން މަނާކޮށްފައިވާއިރު، އިއްޔެއާއި މިއަދުގައި އެ ވަގުތުތަކުގައި ޖުމްލަ 379 މީހަކު ގަވާއިދާ ޚިލާފަށް މަގުމަތީގައި އުޅެފައިވާކަމަށެވެ.
އިތުރަށް ތަފްސީލް ދެއްވަމުން މަބްރޫކް ވިދާޅުވީ، 02 އޭޕްރީލްގައި 95 މީހަކު މަގުމަތީގައި އުޅެފައިވާކަމަށާއި، މިއަދު 284 މީހަކު މަގުމަތީގައި އުޅެފައިވާކަމަށެވެ. މި ދެ ދުވަހުގައި، ފުލުހުން ނަސޭހަތްތެރިވެފައިވާނެކަމަށާއި، ނަމަވެސް މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.