ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ޙައްޖުގެ އަޅުކަން ކެންސަލްކުރުމާމެދު މަޝްވަރާކުރަމުންދާކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

މުޅި ދުނިޔެ ކޮރޯނާ ވައިރަހުގެ ނުރައްކަލަށް ހުށަހެޅިފައިވާ މި ދުވަސްވަރަކީ، މުސްލިމުންގެ ފަރުޟު އަޅުކަމެއް ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުސްލިމުން ތައްޔާރުވަމުންދާ ދުވަސްވަރެވެ. ނަމަވެސް، ޙައްޖުގެ އަޅުކަން އަދާކުރުމަށް ވަމުންދާ ތައްޔާރީތައް އަދި ކޮންޓްރެކްޓްތައް ހެދުން މިވަގުތަށް މަޑުޖައްސާލުމަށް ސައުދީން ސަރުކާރުން މިވަނީ ގޮވާލާފައެވެ.
ސައުދީ ސަރުކާރުގެ ޙައްޖާއި ޢުމްރާގެ ކަންކަމާބެހޭ މިނިސްޓަރ ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަމަށް ސައުދީ ސަރުކާރުން ފުރިހަމައަށް ތައްޔާރުކަމަށާއި، ނަމަވެސް، މިފަދަ ފިޔަވަޅުތަކެއް އަޅަންޖެހުނީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ސައުދީ އަރަބިއްޔާގެ ޙާލަތަށް ބަލާއިރު، މިހާތަނަށް 2039 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 25 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 އާ ދެކޮޅަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، މައްކާ އާއި މަދީނާގައި މިހާރު ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި އިތުރު ބައެއް ސިޓީތަކުގައިވެސް ވަނީ ކާފިއު އިޢުލާންކޮށްފައެވެ.